މިއަަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރު ހިސާބުގައި މުޅި ރާއްޖެ ގުޅުވާލާ ހައި ސްޕީޑް ފެރީގެ ނިޒާމުގެ ފުރަތަމަ ޒޯނުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އެމްޓީސީސީގެ ސީއީއޯ އަދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މުޅި ރައްޖެ ގުޅުވައިދޭ ހައި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމްކުރުމާއި، ފަސޭހައިގައި ރައްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ގާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް މި މަޝްރޫއުގެ ފުރަތަމަ ޒޯންގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ޖުމްލަ 41 ރަށަކަށް މި ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމި މިއަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރު ހިސާބުގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ގަބޫލުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

މިގޮތުން މި މަސައްކަތް ފެށުމަށް މުޅިއެކު 14 ލޯންޗަކާއި، ބެކަޕްގެ ގޮތުގައި 3 ލޯންޗެއް ބޭނުންކުރާނެ ކަމަށާއި، ރަށްރަށުގައި ފެރީ ޓާމިނަލްތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ނިންމަންޖެހޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި ބަލަނީ ސެޕްޓެމްބަރ އޮކްޓޯބަރ ހިސާބުގައި ލޯންޗުކޮށްގެން މަސައްކަތްތައް ފަށައިގަންނަން. އެނގިވަޑައިގަންނަވާނެ 17 ލޯންޗު މިހާ ކުރު މުއްދަތެއްގައި ބެނުމަކީ ވަރަށް ޗެލެންޖިން ކަމެއް. އަޅުގަނޑުމެން މި ބަލަނީ ވީހާވެސް އަވަހަކަށް މި މަސައްކަތް ކޮށް ނިންމާ ރައްޔިތުންނަށް މި ލުއި ފަސޭހަ ހިދުމަތް ވީހާވެސް އަވަހަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް. އަދި 41 ރަށުގައި ވިއްސާރައިންނާ އަވިން ނިވާނެ ތިބެވޭ ވަރުގެ ޓާމިނަލްއެއް އެޅުމުގެ މަސައްކަތްވެސް ކުރަން ޖެހޭނެ.
އާދަމް އާޒިމް

މީގެ އިތުރުން މި މަސައްކަތަށް ބޭނުންވާ އުޅަނދުތައް ޖަހައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރަން ތައްޔާރުވެފައިވާކަން އާޒިމް ފަހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާ އުޅަނދުތައް ވެގެންދާނީ ފެންވަރު ރަނގަޅު އުޅަނދުތަކަކަށް ކަމަށެވެ. މި ލޯންޗުތަކަކީ ފުރޮޅުލީ ގޮނޑީގައި ދާ މީހަކަށްވެސް ފަސޭހަކަމާއެކު އަރައި ފޭބޭނެ ގޮތަކަށް ފަރުމާކުރާނެ ލޯންޗުތަކެއް ކަމަށާއި، ލޯންޗުތަކުގައި ހުންނާނީ މަތިންދާބޯޓުގައި ހުންނަ ފެންވަރުގެ ގޮނޑި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި މި ހުރިހާ ލޯންޗެއްވެސް ހުންނާނީ އެއާ ކޮންޑިޝަން ކުރެވިފައިކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމުން ކޮންމެ ދުވަހަކުވެސް ފެރީގެ ހިދުމަތް ދެވިގެންދާނެ ކަމަށެވެ. ދަތުރަށް ގިނަވެގެން ނަގާނީ 1 ގަޑިއިރު ކަމަށާއި، މި ލޯންޗުތައް ފުރަން އޮންނަ ގަޑިއަށް ފުރާނެ ކަމުގެ ޔަގީންކަންވެސް އާޒިމް ވަނީ ދެއްވާފައެވެ.

މިހާރު ފެރީގެ ނިޒާމު ހިންގަން ގެންގުޅޭ ދޯނިތަކަށް އަރައިގެން ތިން ގަޑިއިރުން ދެވޭ ތަނަކަށް ވެއްޖިއްޔާ އަލަށް މި އަންނަ ނިޒާމުގަ އެމީހަކަށް އެއް ގަޑިއިރުތެރޭ އެތަނަކަށް ދެވޭނެ. ދެ ގަޑިއިރު އެމީހެއްގެ ދަތުރުގެ މަތިން ކެނޑިގެންދާނެ. ތިރީސް މިނެޓުން ދާ ތަނަކަށް ދިހަ މިނެޓުން ދެވޭނެ. މި އަންނަ ނިޒާމަކީ ވަރަށްވެސް ބާރު ސްޕީޑުގައި ދަތުރުކުރާ ފެރީގެ ނިޒާމެއް.
އާދަމް އާޒިމް

ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި އެއް ތަނުން އަނެއް ތަނަށް ގޮސްލާފަ އާދެވޭނެ ވަރުގެ ނިޒާމެއް ގާއިމްކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، މިއަދު ކުރެވެމުންމިދަނީ މި އަމާޒަށް ވާސިލްވުމުގެ މަސައްކަތް ކަމަށްއާޒިމް ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ގުޅުވައިދޭ ހައި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މި މަސައްކަތް ކުރިއަށްގެންދަން ނިންމަފައިވަނީ މުޅިއެކު 6 ޒޯނަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ޒޯނުގެ މަސައްކަޔް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި 6 ޒޯނުގެ މަސައްކަތް 2023 ވަނަ އަހަރުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.