އަތޮޅުތަކާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ ކުރިއަށް އޮތް 50 އަހަރުތެރޭ ރާއްޖޭގެ 50 އިންސައްތަ ރަށްތައް ފަޅުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އާބާދީގެ 75 އިންސައްތަ މާލޭ ސަރަހައްދަށް ޚަރަދުކޮށް އަތޮޅުތެރޭގެ އިޤްތިސާދަށް ޕްލޭންތަކެއް ނެތި ދިއުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ މިހާރު އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކަމަށް ބުނެ ސަރުކާރުތަކުން ހިންގަމުން އަންނަ ނަރުދަމާ އާއި، ތޮށިލުން ފަދަ މަޝްރޫއުތަކަކީ ދިރިތިބުމަށް ކުރަންޖެހޭ ކަމެއް ކަމަށާއި، އެއީ، ދެމިތިބުމަށް އޮތް ހައްލެެއް ނޫން ކަމަށެވެ. އެއްފަސްކުރުމާއި، އާމްދަނީގެ ހިއްސާ އަދި އިދާރީ މިނިވަންކަން އަތޮޅުތަކަށް ނުލިބޭނަމަ އަތޮޅަށް ވިހާ ކުއްޖާ ބޮޑުވުމުން އެތާ މަޑުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

ޕެންޝަންއާ އެކު މާމަ އާއި ކާފަ ރަށުގައި މަޑުކުރި ނަމަވެސް ކިޔަވައި ނިމޭ ކުއްޖާ ރަށުގައި މަޑުކުރަން ޖެހޭ ސަބަބެއް ނެތްކަން އަތޮޅުން ވެސް ފެންނަން ނެތްކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ އެ މަންޒަރު ފެންނަނީ މާލެއިން ކަމަށެވެ. ޖަޒީރާ ދިރިއުޅުމަކީ، އުފަލުގައި ދިރިއުޅުން ކަމަށް ވާންޖެހޭ ކަަމަށާ އެއީ ހާލުގައި ދިރިއުޅުން ނޫން ކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ބޮޑެތި ބަދަލު ގެނެސް ރަށްރަށުގެ ކައުންސިލްތަކަށް ރަށުގެ ބާރުވެރިކަން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ދިރިއުޅޭ 557،426 އާބާދީގެތެރެއިން 227،486 މީހުން ނުވަތަ 40.8 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އާބާދީގެ މިހާ ބޮޑުބައެއް މާލޭގައި ދިރިއުޅެންޖެހިފައި މިވަނީ އަތޮޅުތެރެއިން އެކަށީގެންވާ ތައުލީމާ ސިއްޙީ ފަރުވާތައް ނުލިބޭތީއެވެ. ދަތި ހާލުގައި މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ ރައްޔިތުންގެ އަބަދުގެވެސް އުންމީދަކީ އެމީހުންގެ އަތޮޅުން ނުވަތަ ރަށުން އެކަށީގެންވާ ކިދުމަތްތަކެއް ލިބުމެވެ.