މިދިޔަ އަހަރު އެމްޓީސީސީއަށް ލިބިނު ފައިދާ 203 މިލިއަން ރުފިޔާއަށް އަރާއިރު، މިއީ އެމްޓީސީގެ ދިގު ތާރީހުގައި އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު އެމްޓީސީސީން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މައުލޫމާތާއި، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިދިޔަ އަހަރަކީ އެކުންފުނީގެ ހަޔާތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަށް ވާއިރު، މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބުނު ފައިދާ 203.11 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މިއާއެކު 2019 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއާ އަޅާ ބަލާއިރު، 2020 ވަނަ އަހަރަކީ އެ ކުންފުންޏަށް ބޮޑުތަނުން ކުރިއެރުންތަކެއް ލިބުނު އަހަރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މިއީ އެމްޓީސީސީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަުގެ ނަތީޖާކަން އާޒިމް ފާހަގަކުރެއްވިއެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންއެއްގައި އޮތް ދުވަސްތަކުގައިވެސް އެމްޓީސީސީއިން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުމެއް ވެފައިނުވާކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން 2020 ވަނަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ގިނަ ޕްރޮޖެކްޓުތައް ނިންމާލެވުނު އަހަރުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރު 34 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ ތެރޭގައި 2019 ވަނަ އަހަރު ފަށާފައިވާ ޕްރޮޖެކްޓުތަކާއި، މިދިޔަ އަހަރު ފެށި ޕްރޮޖެކްޓުތައްވެސް ހިމެނޭކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިދިޔަ އަހަރު އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ކޮންސްޓްރަކްޝަންގެ ދައިރާއިން ކަމަށެވެ.
މި މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރެވިގެން ކުރިއަށްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް މުވައްޒަފުން ތަމްރީނުކުރުންފަދަ ކަންކަންވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން 203.11 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާއިރު، 2019 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބިފައިވަނީ 63.08 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ވިޔަފާރިކޮށްގެން އެމްޓީސީސީން 1.35 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، އޭގެ ކުރީ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 1.14 ބިލިއަން ރުފިޔާއެވެ.
އަދި މިދިޔަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 172.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 119.8 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މިކުރިއެރުމާއެކު 2020 ވަނަ އަހަރު ވެގެންގޮސްފައިވަނީ އެމްޓީސީސީގެ ހަޔާތުގައިވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަށެވެ.