ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން މީހާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން މީހައަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށެވެ.
މި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި ކަމަށާއި، އެމީހާ ރާއްޖެ ގެނައުމުގައި ޒިންމާވާ ފަރާތާ ގުޅިގެން އެމީހާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމީހާ ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒުތެރެއަށް ވަނީ އެރޭ އިޝާނަމަދަށް ފަހުއެވެ.
އެރޭ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އަދި މިވަގުތު އެމީހާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވީ ނަމަވެސް މިމައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.