ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3،340 ޑޮލަރު ދޭން އެރިސޯޓުން ނިންމައިފިއެވެ.
ރިސޯޓް ވޯކާސް މޯލްޑިވްސްއިން ފޭސްބުކް ޕޭޖްގައި ބުނުފައިވައިވަނީ، އިތާފުށީގެ މުވައްޒަފުންނަށް މިމަހު ސަރވިސް ޗާޖުގެ ގޮތުގައި 3،340 ޑޮލަރު ނުވަތަ 51،502 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.
މަޝްހޫރު، ހިލްޓަން އިން ރާއްޖޭގައި 2019 ވަނަ އަހަރު ހުޅުވި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަކީ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.
ސާވިސް ޗާޖުގެ ގޮތުގައި އެންމެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައިވާ ދެވަނަ ރިސޯޓުކަމަށްވާ، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން 3،007 ޑޮލަރު ނުވަތަ 46،367 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އަންނަންތާރާ ކިހާވަށް ރިސޯޓުން 2،097.43 ޑޮލަރު ނުވަތަ 32،342 ރުފިޔާ ދޭން ނިންމާފައިވެއެވެ. އަދި ސެންޓް ރެޖިސް ވޮށްމުލިން 2،070 ޑޮލަރު ނުވަތަ 31،919 ރުފިޔާ ސާވިސް ޗާޖުގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތަކުން މުވައްޒަފުންނަށް ސާވިސް ޗާޖް ބެހުމުގައި ގާނޫނާއި ގަވާއިދުތަކަށް އަމަލު ކުރަމުންދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މީގެކުރިން ބުނެފައިވެއެވެ.
މަޓީއިން ބުނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކަކީ އެކި ފަންތިއަށް އަދި އެކި ގިންތިއަށް ނިސްބަތްވާ ރިސޯޓުތަކެއް ކަމަށާއި އެ ތަންތަނުން ދެވޭ ހިދުމަތްތަކުގެ ގޮތުންނާއި އަގުގެ ގޮތުން ވަރަށް ތަފާތު ތަންތަން ހިމެނޭ ކަމަށެވެ.
އެހެންކަމުން، މުވައްޒަފުންނަށް ޖެހޭ ސާވިސް ޗާޖު ހިސާބު ކުރެވެނީ ވެސް، އެ ރިސޯޓަކަށް ލިބޭ ވަރާއި ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުން ކަމަށެވެ.
ސާވިސް ޗާޖް ބެހުމުގެ ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް މަޓީން ވަނީ އިލްތިމާސްކޮށްފައެވެ.