އަދާލަތު ޕާޓީގެ ރައީސްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ކުރިމަތިލައްވައިފިއެވެ.

އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ހޯމް މިނިސްޓަރު އައްޝެއިހް އިމްރާން އަބްދުﷲ އެވެ. އަދި ނައިބު ރައީސަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ޕާޓީގެ ރައީސްކަމުގެ މަގާމަށް އިމްރާން އެންމެ ފުރަތަމަ އިންތިޚާބު ކުރީ 2011 ވަނަ އަހަރުއެވެ.

އަދާލަތު ޕާޓީން ބުނީ، އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ ށ އަދި 41.3 ވަނަ މާއްދާގެ ނ ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު 21 ޖަނަވަރީ 2021 ވީ ބުރާސްފަތި ދުވަހު ހަމަވެފައިވާ ކަމަށެެވެ.

އެމަޤާމްތަކަށް އެދި ހުށައަޅާފައިވާ ފަރާތްތައް އާންމުކޮށްފައިވާއިރު، ހޯމް މިނިސްޓަރ އިމްރާނާއެކު ރަނިންގމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ޝަރީފެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރުގެ ރަނިންގމޭޓެއްގެ ގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ނަޝީދެވެ.

މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، އެޕާޓީގެ ކޮންމެ މެންބަރަކަށެވެ.

މިއިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް މިހާރު އަދާލަތު ޕާޓީން ވަނީ ހުޅުވާލާފައެވެ.

ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 27 14:00 ގެކުރިން vote.adhaalath.org.mv ޒިޔާރަތްކުރައްވާ، ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެލުމަށްފަހު، އަދި ޝަކުވާއެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުމަށް އެ ޕާޓީން އެދިފައިވެއެވެ.