ތ. އަތޮޅުގެ ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅު ތިމަރަފުށި އަދި ތ. މަޑިފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކަމަށެވެ.
އެގޮތުން ތ. ތިމަރަފުށީގައި މަސްތުވާތަކެތީ ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި ތިމަރަފުށީ މަގުމަތީގައި ހުރި މީހަކު ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިި ރަބަރު ޕެކެޓެއް އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން އެ އަތޮޅު މަޑިފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަޑިފުށި މަގުމަތިން ދެމީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލާގައި އެ ރަށުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިފަހަކުން މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުން މާލެއާއި އަތޮޅުތަކުން އަންނަނީ ފެންމަތިވަމުންނެވެ.
އެގޮތުން މިމަހުގެ 19 ވަނަ ދުވަހު ތ. ހިރިލަންދޫގައި ހިންގި އޮޕަރޭޝަނެއްގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަސް ގެންގޮސްފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހު ނ. ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 34 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މުޖުތަމައުގައި ހައްލު ބޭނުންވެފައިވާ ބޮޑު މައްސަލައަކަށްވުމުން މިކަމަށް އެދެވޭ ހައްލެއް ހޯދުމުގެ މަޝްވަރާތަކެއް ޖެންޑަރ މިނިސްޓްރީން ވަނީ ކަމާގުޅުންހުރި އެކި އިދާރާތަކާއެކު ކުރިއަށްގެންގޮސްފައެވެ.
މިބައްދަލުވުންތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެކި އިދާރާތަކުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.