މީޑިއާނެޓް އަދި ޑާކްރެއިން އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ ފުރަތަމަ ސިޓިންގްރޫމް ކޮމެޑީ ރޫމީ އާއި ޖަންނަތުގެ ހަތަރުވަނަ އެޕިސޯޑު މިހާރު މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް ބަލައިލެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގ އެގްޒެކިއުޓިވް ޝުވޭކާ ޝަރީފް ވިދާޅުވީ، މީޑިއާނެޓް އޮރިޖިނަލްސް ރޫމީއާއި ޖަންނަތުގެ ހަތަރު އެޕިސޯޑު މިހާތަނަށް މަލްޓި ސްކްރީން އެޕަށް ލާފައިވާއިރު، އެ ހަތަރު އެޕިސޯޑަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އަދި ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު އާ އެޕިސޯޑެއް އެޕް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ.

ހެއްވާ މަޖާ ސިލްސިލާއެއްގެ ގޮތުގައި ގެނެސްދޭ މި ސިޓްކޮމްއަކީ އޭގައި ހަރަކާތްތެރިވާ ރޫމީއާއި ޖަންނަތުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ހިޔާލީ ވާހަކައެއް ކަމަށްވާއިރު، މި ސިޓްކޮމްގެ ދެ ބަތަލުންނަކީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މި ސިޓްކޮމްގައި ރޫމީ އާއި ޖަންނަތުގެ އިތުރުން އެހެން ރޯލުތަކުން ފެންނަ ފަންނާނުންނަކީވެސް މި ސިޓްކޮމްގައި ފުރިހަމަ ދައުރެއް އަދާކުރާ ބައެކެވެ.

މީގެއިތުރުން ދެޖިންސު ހަމަހަމަ ކުރުމަށްވެސް މި ސިޓްކޮމްގައި މަސައްކަތް ކޮށްފައިވާކަމަށް މީޑިއާނެޓުން މައުލޫމާތު ދެއެވެ.

ރޫމީ އާއި ޖަންނަތުގެ އިތުރުން ލައިވް ޗެނަލްތަކާއި އެހެނިހެން ސީރީސް އާއި ދިވެހި ފިލްމްތައް ކަމަށްވާ މީ ލޮއިބަކީ އަދި ވާށޭމަށާއެކީ ފަދަ މައްޝޫރު ފިލްމްތައް މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕުން ފެނިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.