ޅ. އަތޮޅުގައި ހިންގާ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިގެން ހޯދަން ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނީ، މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:04 ގައި ކަމަށެވެ.
ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ނޮތަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އެމީހުން ހޯދުމުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، ޖެޓްސްކީގައި ނުކުތް ދެމީހުންނަކީވެސް ފުށިފަރު ރިސޯޓުގެ ދެ މުވައްޒަފުން ކަމަށާއި، އެއީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. ފިރިހެންމީހާގެ އުމުރަކީ 24 އަހަރެވެ. އަންހެންމީހާގެ އުމުރަކީ 29 އަހަރެވެ.
އަދި އެދެމީހުން ޖެޓްސްކީގައި ނުކުތީ ދުއްވާލަން ކަމަށާއި، ދެމީހުންވެް ތިބީ ލައިފް ޖެކެޓް އަޅައިގެން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން އެންމެފަހުން ބުނެފައިވަނީ، ގެއްލިގެންއުޅޭ 2 މީހުންގެ ތެރެއިން އަންހެންމީހާގެ އަތުގައި ފޯނެއް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ފޯނަށް ގުޅުމުން ރިންގްވާ ކަމަށާއި، ނަމަވެސް ފޯނަށް ޖަވާބުނުދޭ ކަމަށެވެ.
އެހެން ނަމަވެސް، އެ ފޯނަށް ގުޅޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ކޯޑިނޭޝަން ސެންޓަރުން އަދިވެސް ގެންދަނީ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.