ޅ. އަތޮޅުގައި ހިންގާ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެމީހުންނާއި އަދި ޖެޓްސްކީވެސް ފެނިއްޖެއެވެ.
އެދެ މީހުންނާއި ޖެޓްސްކީ ފެނިފައިވަނީ މިރޭ 20:42 އެހާއިރު ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓް ކައިރިން، އެ ރިސޯޓުގެ ލޯންޗަކަށް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، ޖެޓްސްކީ، އޭގެން ދަތުރުކުރި ދެމީހުންނާއެކު ފެނުނީ، ޖެޓްސްކީގެ އިންޖީނު ހުއްޓި އޮޔާދަނިކޮށް ކަމަށެވެ.
ޖެޓްސްކީގެ އިންޖީނު ހުއްޓުނީ އިންޖީނަށް ދިމާވި މައްސަލައަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މިހާރު އެދެމީހުންނާއި ޖެޓްސްކީވެސް ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.
ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ލިބިފައިވަނީ މިރޭ 19:04 ގައިކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، ގެއްލުނު ދެމީހުން ޖެޓްސްކީގައި ފުރާފައިވަނީ ހަވީރު 17:45 އެހާއިރު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ނޮތަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އެމީހުން ހޯދުމުގައި ހަރަކާތްތެރިވާން ފެށިއެވެ.
ޖެޓްސްކީގައި ނުކުތް ދެމީހުންނަކީވެސް ފުށިފަރު ރިސޯޓުގެ ދެ މުވައްޒަފުން ކަމަށާއި، އެއީ އަންހެނަކާއި ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ފިރިހެންމީހާގެ އުމުރަކީ 24 އަހަރެވެ. އަންހެންމީހާގެ އުމުރަކީ 29 އަހަރެވެ.
އަދި އެދެމީހުން ޖެޓްސްކީގައި ނުކުތީ ދުއްވާލަން ކަމަށާއި، ދެމީހުންވެސް ތިބީ ލައިފް ޖެކެޓް އަޅައިގެން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން އެންމެފަހުން ބުނެފައިވަނީ، ގެއްލިގެންއުޅޭ 2 މީހުންގެ ތެރެއިން އަންހެންމީހާގެ އަތުގައި ފޯނެއް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ފޯނަށް ގުޅުމުން ރިންގްވާ ކަމަށާއި، ނަމަވެސް ފޯނަށް ޖަވާބުނުދޭ ކަމަށެވެ.