ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މަސައްކަތްތައް ލަސްވެގެން ދިއުމަކީ މުޅި ރާއްޖެއަށް ލިބޭ ގެއްލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައި އޮންނަ އެންޑީއޭއާ ގުޅުންހުރި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެންޑީއޭގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށްނުގެންދާ ކަމަށްބުނެ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންޑީއޭގެ ހިންގުމަށް އިސްލާހު ގެންނަން ޖެހިފައިވާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އެ އެޖެންސިގެ މަސައްކަތްތައް ލަސްވުމަކީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެންޑީއޭގެ ހިންގުމާ މެދު ހިތްހަމަނުޖެހިގެން އާންމުންގެ ބަޔަކު ވަނީ މަޖިލީހަށްވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ. އަދި އެކި ޖަމިއްޔާތަކުންވެސް ވަނީ އެންޑިއޭގެ ހިންގުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މިކަން އިސްލާހުކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައިވެސް ގޮވާލާފައެވެ.

އެންޑީއޭގެ މެނޭޖްމެންޓަށް ދާދިފަހުން ވަނީ ބަދަލުތަކެއް އައިސްފައެވެ. އެ އެޖެންސީގެ ސީއިއޯގެ މަގާމުގައި ހުންނެވި ހަސަން ޝަހީލު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ. ޝަހީދު އިސްތިއުފާ ދެއްވައި، މަސްތަކެއް ފަހުން އެންޑީއޭގެ ސީއީއޯގެ މަގާމަށް މިމަހުގެ 18 ވަނަ ދުވަހު ވަނީ މުހައްމަދު ހަބީބު އައްޔަންކުރައްވާފައެވެ.

އެންޑީއޭގެ މަސައްކަތްތައް ލަސްވުމާ ގުޅިގެން މިދިޔަ އަހަރުތެރޭ ގިނަ ބަޔަކު އެ އެޖެންސީ ކުރިމައްޗަށް އެއްވެ މުޒާހަރަވެސް ކޮށްފައިވެއެވެ. ފަރުވާ ލިބެންޖެހޭ އެތައް ބަޔަކަށް ފަރުވާ ނުލިބި ވާކަމާއި، އެއްވެސް ސަބަބެއް ނެތި ފަރުވާ ލިބުން ލަސްވެފައިވާކަމީ މި މީހުންގެ ކަންބޮޑުވުންތަކެކެވެ.

އަދި ގާނޫނުގައި ބަޔާންކުރާ އެތައް ކަމެއް ގާއިމްނުކުރެވި ހުރިކަން ފާހަގަކޮށް، އެކަންކަން އިސްލާހުކުރަން އެމީހުން ގޮވާލިއެވެ. އެހެންނަމަވެސް މިހާތަނަށްވެސް މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައަކަށްވާއިރު، މި ވަބާ މުޖުތަމައުން ފޮހެލުމުގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ދައުރު ވަރަށްވެސް ބޮޑެވެ.