އަންހެނުންތަކަކާ ފޮށިގެން އިއްޔެ ހައްޔަރުކުރި މީހާއަކީ ބަރަހަނާ ހާލުގައިހުރެ އިސްލާމީ މަރުކަޒު ތެރެއަށް ވަން މީހާކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ އިޝާ ނަމާދަށްފަހު އެމީހާ ވަނީ ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒުތެރެއަށް ވަދެފައެވެ. އެމީހާ އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން ވަނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.

ބަރަހަނާ ހާލުގައިހުރެ އިސްލާމީ މަރުކަޒުތެރެއަށް ވަން މީހާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ މީހެކެވެ.

މި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައި، އެމީހާ ރާއްޖެ ގެނައުމުގައި ޒިންމާވާ ފަރާތާ ގުޅިގެން އެމީހާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނިކޮށް އިއްޔެ މި މީހާ ވަނީ މާލޭގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކަށް ފޮށި އާންމު އުނދަގޫކުރަމުންގޮސްފައެވެ.

މި މައްސަލާގައި އަނެއްކާވެސް މި މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމީހާއާމެދު ކުރިއަށްއޮތް ތަނުގައި އަމަލުކުރާނެ ގޮތާގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.