3 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި، 5 ޤައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނިމިދިޔަ ހަފްތާގައި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ވަރޗުއަލްކޮށް ބައްދަލުކުރެއްވީ ގަޔާނާގެ ފޮރިން މިނިސްޓަރ ހިއުޓޮޓް، ލާއޯސްގެ ފޮރިން މިނިސްޓަރ ސެލުމްޝޭ ކޮމަސިތު އަދި ބެލީޒްގެ ފޮރިން މިނިސްޓަރ އީމޮން ކޯޓްނޭ އާއެވެ. މި ބައްދަލުވުންތަކުގައި އެޤައުމުތަކާއެކު ރާއްޖެއިން ދަމަހައްޓަމުން އަންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ބައެއް ޤައުމުތަކުގެ ސަފީރުންނާއެކުވެސް ވަރޗުއަލްކޮށް ބައްދަލުކުރައްވާފައެވެ. އެގޮތުން ތައިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗުލަމަނީ ޗަރަތްސުވަން ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމުގެ ގޮތުން މިނިސްޓަރ ޝާހިދުއާއެކު ވަދާއީ ބައްދަލުވުމެއް ވަރޗުއަލްކޮށް ބާއްވަވާފައެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް އާއެކު ކުރެއްވި މަޝްވަރާތަކުގައި، މިއަހަރުވެސް ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއާއެކު ބޭއްވެވި މަޝްވަރާތަކުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދިވެހި ކަނޑުމަހަށް ރަޝިޔާގެ ބާޒާރުން އިތުރު ފުރުސަތު ހޯދުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާ އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއެކު ފޮރިން މިނިސްޓްރީގައި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވައި، އެޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ބައެއް ފޮރިން މިނިސްޓަރުންނާއި ސަފީރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޖޯޖިއާގެ ފޮރިން މިނިސްޓަރުކަމުގެ އިތުރު ދައުރަކަށް އައްޔަންކުރެވުމާއި، ވައިސް ޕްރައިމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޑޭވިޑް ޒަލްކަލިއާނީއަށްވެސް މިނިސްޓަރ ޝާހިދު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ. އަދި ޒިމްބާބްވޭގެ ޚާރިޖީ ވަޒީރު ޑރ. ސިބުސީސޯ މޯޔޯ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއް ފޮނުއްވިއެވެ.