ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތަ ގޮނޑި ޚާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމެއް ނޫންކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެ އިސްލާހުން ގާނޫނުއަސާސީން ލިއްބައިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު މޫސާ އަންވަރެވެ.

މިމައްސަލައިގައި ދައުލަތުން ބުނެފައިވަނީ އަންހެނުންނަށް ގޮނޑި ހާއްސަކުރުމުން އެއްވެސް ބައެއް އަސާސީ ހައްގެއް ހަނިނުވާނެ ކަމަށާ މި ބަދަލު ގެނެސްފައިވަނީ ޑިމޮކްރެޓިކް ޤައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލްތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ. އަދި އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭން ޖެހޭ ބައެއްކަން އިލްމީ ލިޔުންތަކުންވެސް އެނގެން އެބަ ހުރިކަމަށާއި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށް ޔޫރަޕިއަން ކޯޓް ހިއުމަން ރައިޓްސް އަދި ޔޫރަޕިން ކޯޓް އޮފް ޖަސްޓިސްއިން މީގެ ކުރިން ކަނޑައަަޅާފައިވާކަން ދައުލަތުން ފާހަގަ ކުރި އެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒްއެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހައިކޯޓްގެ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރާއި، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފް އިބްރާހީމްއެވެ.

ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް ލާމަރުކަޒީ ޤާނުނު މަޖިލީހުން ފާސްކުރީ 2019 ވަނައަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަދުވަހުއެވެ.