ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށް، ކުރިން އިއުލާނުކޮށްފައިއޮތް އެންގުމަށް ބަދަލުގެނެސްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ހިދުމަތްދޭ ގަޑިއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިން ނިންމާފައިވާ ގިނަ އެންގުންތަކަކަށް ބަދަލުގެންނަމުންދާއިރު، އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މީގެ ކުރިން ކާބޯތަކެތީގެ ހިދުމަތްދޭ މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:30 އެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅީގެން މީގެ ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކަށް އަންނަނީ ބަދަލުގެންނަމުންނެވެ. އެގޮތުން މާދަމައިން ފެށިގެން ސިނަމާފަދަ ތަންތަން ހުޅުވުމުގެ ހުއްދަވެސް މިއަދު ވަނީ ދީފައެވެ.