މި ހިނގާ ޖެނުއަރީ މަހުގެ ފަހު ހަފްތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފްތާއެއް ކަމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އިލްތިމާސްކޮށްފިއެވެ.

މީރާއިން ބުނީ މި ހިނގާ ޖެނުއަރީ މަހުގެ ފަހު ހަފްތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފްތާއެއް ކަމަށެވެ. މި ގޮތުން، މިމަހުގެ 28 ވަނަ ދުވަހަކީ ޑިސެންބަރު 2020 އަދި 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިކަމަށެވެ. އަދި، ޖެނުއަރީ 31 ވަނަ ދުވަހަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިކަމަށް މީރާއިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރުތަކަށް ބަލާލާއިރު، މި ފަދަ ސުންގަޑިތަކަކީ ވަރަށް ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރާ ސުންގަޑިތަކެއްކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، މި ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދެމުން ގެންދާތީ ޚިދުމަތް ދޭ ކައުންޓަރުތައް މަދުވާނެ ކަން ފާހަގަކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑު ނުކޮށް ދުރާލާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ޖީއެސްޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށް ވެފައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާތީ، ކޮވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދިނުމަށްވެސް މީރާއިން އިލްތިމާސްކުރެއެވެ. އަދި ޖީއެސްޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރުޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެކަންވެސް މީރާއިން ފާހަގަކުރެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާ ދުވަސްވަރަކަށް ވާތީ، ޓެކްސް ދައްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަޑިތަކުގައި ޚިދުމަތް ހޯދުމަށް މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކުން އިތުރަށް ސަމާލުވާން މީރާއިން އިލްތިމާސްކުރިއެވެ.