އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓެންޓް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން އޮޑިޓްކުރުމާއި، އެޝޫރެންސް ޚިދުމަތް ދިނުމުގެ ލައިސެންސް ދޫކޮށްފިއެވެ.

ދިވެހިރާއްޖޭގައި އޮޑިޓަރުންގެ ގޮތުގައި މާލީ ހިސާބުތަށް އޮޑިޓް ކުރުމަށާއި އަދި އެޝޫރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެކަމަށް ހާއްސަކޮށްގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓޭރިއަމްގައި ކުރިއަށްގެންދިޔަ ހަފްލާއެއްގައެވެ.

މިހަފްލާގައި އޮޑިޓް ކުރުމަށާއި އަދި އެޝޫރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް އެފަރާތްތަކާއި ހަވާލްކޮށްދީފައިވަނީ ފައިނޭންސްގެ މިނިސްޓަރ އިބްރާހީމް އަމީރުއެވެ.

ސީއޭއިން ވަނީ 19 މީހަކަށް އަދި 11 ފާރމްއަކަށް މި ލައިސެންސް ދޫކޮށްފައެވެ.

ޗާރޓަރޑް އެކައުންޓެންޓުންގެ މި ބިލް ދޫކޮށްފައިވަނީ މީގެކުރިން އަމަލު ކުރަމުން އައި ގޮތަށް ބަދަލުތަށް ގެނައުމަށް ފަހުގައިކަމަށް ސީއޭއިން ވަނީ ބުނެފައެވެ.

އަދި ލައިސެންސް ދެވިފައިވަނީ އެކަމަށް ފުރުސަތު ހުޅުވާލެވުމުން ލައިސެންސަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ފަރާތްތަކަށްކަމަށް ސީއޭއިން ވަނީ މައުލޫމާތު ދީފައެވެ.

މިގޮތުން ކުރިއާ ޚިލާފަށް މިފަހަރު ގެނައި ބަދަލުގައި ފަންތިކުރުން ނުހިމެނޭނެ ކަމަށާއި، މިކަމަށް ގެނެވުނު ބަދަލުތަކަކީ ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުގައި ގެނެވުނު ބަދަލުތަކެއްކަމަށް ސީއޭއިން ބުނެއެވެ.

އަދި މިއަށްފަހު އެންމެ މުހިންމު ކަމެއްދެވޭނީ އޮޑިޓް ލައިސަންސް ލިބޭ ފަރާތްތަކުން ކުރާ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށާއި އިތުބާރުކުރެވޭ ފެންވަރު ރަނގަޅު މަސައްކަތްތަކަކަށް ހެދުމަށްޓަކައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ އިތުރުން އެކަމާއި ގުޅޭ ތަމްރީނުތަށް ފޯރުކޮށް ދިނުންކަމަށް ސީއޭއިން ބުނެއެވެ.

ސީއޭއިން ދޫކޮށްފައިވާ މިލައިސެންސްތައް މިއަދުން ފެށިގެން ތަސްދީގުކުރަން ފެށުމާއިއެކު، މީގެކުރިން އެފަރާތުން ދޫކޮށްފައިވާ ލައިސެންސުތައް މިއަދުން ފެށިގެން ބާތިލުވާނެކަމަށް ވަނީ ބުނެފައެވެ. އަދި އޮޑިޓް ލައިސެންސް އާ ނުކުރައްވާ ފަރާތްތަކުން ވީހާވެސް އަވަހަށް ލައިސެންސް އާކުރެއްވުމަށް ސީއޭއިން އިލްތިމާސްކުރެއެވެ.