އޮޑިޓް އަދި އެޝުއަރެންސް ޚިދުމަތްދޭ ދޭފަރާތްތަށް ރޭޓްކުރެވޭނެ ނިޒާމެއް ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ފުރަތަމަ ފަހަރަށް އޮޑިޓް ކުރުމާއި އެޝުއަރަންސް ޚިދުމަތް ދިނުމަށް ލައިސަންސް ދިނުމަށް މިއަދު ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ސީއޭ މޯލްޑިވްސްއިން ކުރާ މަސައްކަތްތަކަކީ ވަރަށް ބޭނުންތެރި އަދި ބަލައިގަނެވޭ މަސައްކަތްތަކެއް ކަމަށެވެ.
އަދި މިފަހަރު ލައިސަންސް ދޫކުރުމުގައި، ލައިސަންސް ލިބޭ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ކަންކަން ކަށަވަރުވެފައި އޮތުމަކީ މިޚިދުމަތަށް ބަރޯސާވެވޭ މިންވަރު އިތުރުވެގެންދާނެ، ހެޔޮ ފާލެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
ލައިސަންސް ކެޓަގަރީ ކުރުން އުވާލި ނަމަވެސް، ސަރުކާރާއި ދައުލަތުގެ ބޭނުމަށް ޚާއްސަގޮތެއްގައި ދައުލަތުގެ ބޮޑަތި ކުންފުނިތަކާއި މާލީ އިދާރާތަށްފަދަ ތަންތަނަށް ޚިދުމަތް ފޯރުކޮށްދޭއިރު، އެފަދަ ބޮޑެތި އޮޑިޓްތަށް ކުރުމަށް އެތަންތަނުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ދެނެގަނެވޭފަދަ ރޭޓިންގއެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އެކަމަށް ސީއޭ މޯލްޑިވްސް އިން ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ޔަގީންކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެކައުންޓިންގ އާއި އިވެލުއޭޝަން އަދި ލިކުއިޑޭޝަން ފަދަ ފައިސާއާއި ގުޅުންހުރި ހިސާބުތަށް ހަދާ ފަރާތްތައްވެސް މިހާރަށްވުރެ ހަރުދަނާ އުސޫލަކުން ބެލެހެއްޓޭނެ ގޮތެއް މިހާރު ހޯދަންޖެހިފައިވާ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.