ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ލެސޯތޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް މަޓްސިޕޯ ރަމަކޮއެއާ ވަރޗުއަލްކޮށް މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިމަޝްވަރާގެ ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ތަރައްގީއަށް ބޭނުންވާ މާލީއެހީ ހޯދުމާއި އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކު ކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ދެގައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތާއި ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރަށް ދެގައުމުގެ މެދުގައި ގޮތް ގުޅުމާއި މަލްޓިލޭޓަރަލް ދާއިރާގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ މިނިސްޓަރުންވެސް ދެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.