މުޖުތައު ބިނާކުރާ މޭސްތިރިންނަކީ އަންހެނުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ގާސިމް ވިދާޅުވީ، އަންހެނުންނަކީ އިޖްތިމާއީ ގޮތުންނާއި އިޤްދިސާދީގޮތުން، އަދި ސިޔާސީގޮތުން ފުދުންތެރި ބަޔަކަށްވުމަކީ ޖުމްހޫރީ ޕާޓީގެ މުހިންމު އަސާސެއް ކަމަށެވެ.

އަންހެނުންގެ ދުވަހުގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ "ގޮންޖެހުންތައް ޚިޔާރު ކުރުން" ކަމަށްވީހިނދު، އެންމެން ގުޅިގެން އަންހެނުންނަށް ކުރިމަތިލާން ޖެހިފައިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ޖުމްހޫރީ ޕާޓީގެ ތަސައްވުރެއް ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.

ގާސިމް އިބްރާހިމްގެ މެސެޖްގައި، މުޖުތައު ބިނާކުރާ މޭސްތިރިންނަކީ އަންހެނުންކަމަށް ވީހިނދު، އެންމެހާ ދިވެހިންނަށް އިންސާނީ ކަރާމަތާއި އިޙްތިރާމް ލިބޭނެ މާހައުލެއްގައި އިޤްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުން، އަދި ސިޔާސީގޮތުން ހަމަހަމަކަމާއިއެކު ބައިވެރިވެ އުޅެވޭނެ މާހައުލެއް ޤާއިމުކުރުމަކީ އެމަނިކުފާނު އެދޭކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

މިއަދު ދުނިޔޭގައި އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ނަފްސާނީ ދުޅަހެޔޮކަމާއި، އިންސާނީ ވަސީލަތްތަކާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމަށް ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރާކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

ސަބަބަކީ ދިވެހިރާއްޖެ ބިނާކުރުމުގައި ބައިނަލްއަޤުވާމީ މައިދާނުގައި ދުނިޔެ ތަރުބަވީ ނިޒާމަކުންގުޅުވައި، އިސްލާމްދީނުގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެމަތީން، އިންސާނީ އުފެއްދުންތެރިކަމާއި ކުރިއެރުން ބިނާވެފައިވަނީ އަންހެނުންގެ އިސްނެގުމާއި ބައިވެރިވުމުގެ މައްޗަށްކަމަށް ވާތީކަމަށްވެސް ވިދާޅުވެފައި ވެއެވެ.