ޓެކުހުގެ ޤާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީވާންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީވެފައިނުވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ބާރުއަޅައި އެހީތެރިވުމުގެ ގޮތުން މީރާއިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ މީރާއިން މިއަހަރު ތައާރަފްކޮށްފައިވާ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕްލޭންގެދަށުން ހިންގާ ހަރަކާތެއް ކަމަށް އެއިދާރާއިން ބުނެއެވެ.

މި ކެމްޕޭނުގެ މަގްސަދަކީ، ޓެކުހުގެ ޤާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީވާންޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، މީރާގައި ރަޖިސްޓަރީވުމަށް އެހީތެރިވެދިނުމުގެ އިތުރުން، އެފަރާތްތަކުން ދައްކަންޖެހޭ ޓެކުހާގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދިނުން ކަމަށް މީރާއިން ބުނެއެވެ.

މި ކެމްޕޭނުގެ ދަށުން މީރާގައި ރަޖިސްޓަރީވާން ހުށަހަޅާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށްވެސް އެއިދާރާއިން ވަނީ ނިންމާފައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅަން ޖެހެނީ އިންކަމް ޓެކްސް ރެޖިސްޓްރޭޝަން، އަދި ޖީއެސްޓީއަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހެނީ ޖީއެސްޓީ ރެޖިސްޓްރޭޝަން ފޯމެވެ.

ޓެކުހުގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީވާންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީވެފައި ނުވާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.