މިދިޔަ ފެބްރުއަރީމަހު، މީރާއަށް 994.12 މިލިއަން ރުފިޔާ ބަލައިގަނެފައި ވާކަމަށް އެއިދާރާއިން ބުނެފިއެވެ.

އަދަދަކީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.9 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހުގައި ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތްކަމަށް މީރާއިން ބުނެއެވެ.

އެގޮތުން، ގްރީން ޓެކްސް، ބީޕީޓީ އަދި އެއަރޕޯޓް ޓެކުހާއި ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ފެބުރުވަރީ 2020 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ފެބުރުވަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެެއް ކަމަށްވެސް މީރާއިން ބުނެއެވެ. މި ފީ ފެބުރުވަރީ 2021 ގައި ލިބިފައެއް ނުވެއެވެ.

ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން ދާތީ، ފެބުރުވަރީ 2021 ގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ އެ މަހުގައި ލިބިފައިވާ އާމްދަނީ %41.2 އިތުރުވެފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ.

މީގެ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުން ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ފެބުރުވަރީ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 67.7 އިންސައްތަ ނުވަތަ 672.79 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.8 އިންސައްތަ ނުވަތަ 107.47 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 34.08 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 33.46 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 82.77 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފެބުރުވަރީ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 41.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.