މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއިން އެއް އޮޕަރޭޝަން ހިންގާފައިވަނީ މާލެއިން ފުރައިގެން އދ. ދަނގެއްޗަށްދިޔަ ސަޕްލައި ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންެޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ދަނގެތީގައި މަސައްކަތްކުރާ ފުލުުހުން ގުޅިގެން މި އެޕްރީލް މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، އެ ދޯނި، ދަނގެތީ ބަނދަރާ ގާތްކުރުމުން ދޯންޏަށް އަރައި ބަލައިފާސްކޮށްފައިވާކަމަށާއި، ފުލުހުން ބެލި ބެލުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 161 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެއިތުރުން މަސްތުވާތަކެތި ގެންގުޅޭކަމަށާއި، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. ތުޅާދޫގައި މި މަހުގެ 14 ދުވަހު ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ.

އެ އޮޕަރޭޝަނަކީ ތުޅާދޫގައި މަސައްކަތްކުރާ ފުލުުހުންނާއި، އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސުން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އަދި މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.