މި ރަމަޟާން މަހަކީ އަޅުގަނޑުމްނެގެ ތެރެއިން ގިނަ ބައެއްގެ ފަހު ރަމަޟާން މަހަށް ވެދާނެކަމަށާއި، އެހެންކަމުން މިމަހުގައި ކުރާ އަޅުކަންތައް ގިނަކުރުމަށް ޚުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްސަކޮށްފައިވަނީ "މިއީ ތިބާގެ ފަހު ރަމަޟާންމަހަށްވެސް ވެދާނެއެވެ." މި މަޢުޟޫގެ މައްޗަށެވެ.

ޚުތުބާގައި ވަނީ، މަދު ދުވަސް ކޮޅެއްކަމަށާއި، ދާދި އަވަހަށްނިމިގެން ހިނގައިދާނެކަން ފާހަގަކޮށްފައެވެ. އަދި ކުރެވުނު ހެޔޮ ކަމަކުން މެނުވީ ފަހުން ފައިދާއެއްނުކުރާނެކަމަށެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަސް، އަޅުގަނޑުމެންނާ ބައްދަލުކުރިއިރު ދުނިޔޭގައި ތިބި އެތައް އަޚުންނަކާއި އުޚްތުންނެއް ވަނީ، މި ރަމަޟާންމަހާ ބައްދަލުވިއިރު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައިކަން ފާހަގަކޮށް ޚުތުބަގައި ބުނެފައިވަނީ، މިއީ އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ފެންނަން އޮތް ހަޤީޤަތެއްކަމަށެވެ.

ޚުތުބަގައި ބުނެފައިވަނީ، މި ރަމަޟާން މަހާ ބައްދަލުވުމަކީ، ކުރިއަށްއޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫންކަމަށެެވެ. ރަމަޟާން މަސް ފެށިފައިވާއިރު މިމަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައްމީހުން ކަމެއްވެސް ނޭނގޭކަމަށެވެ. އަދި މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އެންމެފަހު ރަމަޟާން މަސް ކަމަށްވެސް ވެދާނެކަމަށެވެ.

އެެހެންކަމުން މިމަހަށް ޤަދަރާއި، އިޙްތިރާމް ކުރުމަށް ޚުތުބާގައި ވަނީ ގޮވަލާފައެވެ. މިމަހަކީ އަޅުކަމުގެ މަހެއްގެ ގޮތުގައި ބަލައިގަތުމަށްވެސް ގޮވަލާފައިވެއެވެ.

ޙަޤީޤަތަކީ މިއީ ކަމުގައި ވީނަމަވެސް ބައެއް މީހުންގެ ޙާލާމެދު ހިތާމަކުރަންޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ، އެމީހުން ވަނީ އާޚިރަތާ މެދު ޣާފިލުވެފައިކަމަށެވެ. ރަމަޟާން މަހަކީ ކިހާ މަތިވެރި މަހެއްކަން އެމީހުން ނުދަންނަކަމަށެވެ.

ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނިތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއް ކަމަށެވެ. ކުޅިވަރާއި މަޖަލުގެ މަހެއް ކަމަށެވެ. ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއް ކަމަށެވެ. އެބައިމީހުންނަށް ވަނީ ރޯދައިގެ މަޤްޞަދު އޮޅިފައެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަހު ޒުވާބުކުރުމާއި އަރާރުންވުން ގިނަވެއެވެ. ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރުކުރުން އިތުރުވެއެވެ. އޭ ލޮބުވެތި އަހުންނޭވެ! އެއްގޮތަކަށްވެސް މިއީ އަޅުގަނޑުމެން އުޅެންވީ ގޮތެއް ނޫނެވެ. އަޅުގަނޑުމެންގެ އުމުރު ވަރަށް ކުރެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކީ، އުމުރުން އުނިވެގެންދާ ވަގުތުކޮޅެކެވެ."
ޚުތުބާ

ޚުތުބާގައި ވަނީ، މިއަދު ނުވެވުނު ރައްކަލެއް ފަހަކުން ނުވެވޭނެކަން ފާހަގަކޮށް، ދުނިޔޭގެ ދިރި އުޅުމަކީ ވަގުތީ ކަމެއްކަން ހަނދާންކުރުމަށް ގޮވާލާފައެވެ. މާދަމާ ވެސް ލޯމަރާލަން ޖެހިދާނެކަމަށާއި، ތައުބާވެ އިސްތިޣްފާރުކުރުމަށްވސް ގޮވާލާފައިވެެއެވެ.

ޚުތުބާގައި ބުނެފައިވަނީ ޝައްކެއްނެތްގޮތުގައި ރޯދަވެރިޔާ ރޯދައަށް ހުންނައިރު، އެހުންނަނީ މަތިވެރި އަޅުކަމެއްގައިކަމަށާއި، ރޯދަވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮދުއާ ރޯދަވެރިޔާއަށް ލިބިލިބި ހުންނާނެކަމަަށެވެ. ރޯދަވެރިޔާގެ ދުއާއަކީވެސް ﷲ ތައާލާގެ ހަޒްރަތުގައި ގަބޫލުކުރެވިގެންވާ ދުއާއެއްކަމަށެވެ. ވަކިން ޚާއްސަކޮށް ރޯދަވީއްލުމަށް ތައްޔާރުވެފައިވާ ވަގުތުކުރާ ދުއާﷲ ތައާލާގެ ހަޒްރަތުގައި ގަބޫލު ކުރެވިގެންވާކަމަށެވެ.

މިއަދުގެ ޚިތުބާގައި ވަނީ، ރަމަޟާން މަހަކީ ޤުރްއާނުގެ މަސްކަމާއި، މިއީ އެމަހެއްގައި ޤުރްއާން ބާވާލެއްވި ޝަރަފުވެރި މަސްކަންވެސް ފާހަގަކޮށްފައެވެ. އެހެންކަމުން ރަސޫލުﷲ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި އޭގެ ފަހުން ވަޑައިގެންނެވި މިއުންމަތުގެ ހެޔޮ ބޭފުޅުން ރަމަޟާން މަހުގައި ކީރިތި ޤުރްއާނަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށެވެ. އެފޮތް ކިޔެވުމަށާއި އުނގެނުމަށާއި އުނގަންނައިދެއްވުމަށް ހުސްވެވަޑައިގެންނެވިކަމަށެވެ. އެއީ އެހެން މަސްމަހަށް ވުރެ، ރަމަޟާންމަހު، ޤުރްއާންކިޔެވުމުގެ ދަރުމަޔާއި ޘަވާބު ބޮޑުވީމަކަމަށެވެ.

ރަސޫލާ صلى الله عليه وسلم އާއި ޖިބްރީލުގެފާނާ ދެބޭކަލުން ކޮންމެ ރަމަޟާން މަހަކު ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް މުރާޖަޢާކުރެއްވިކަމަށް ޚިތުބާގައިވެއެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވި އަހަރު ދެފަހަރު މުރާޖަޢާކުރެއްވިކަމަށެވެ.

ޚިތުބާގައި ބުނެފައިވަނީ ރަމަޟާން މަހަކީ ފާފަ ފުއްސެވުމާއި ދިންނެވުމުގެސްކަމަށެވެ. އިމާންކަންމަތީ ދަރުމަޔާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހާގެ ފާފަތައް ފުއްސަވާނެކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައިކަމަށެވެ. ހަމަ އެޝަރުޠާއެކު ރޭގަނޑުގެ ރޭއަޅުކަން ކުރާމީހާވެސް ހަމަ އެފަދަކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އޭނާގެ ފާފަތައްވެސް ފޮހެވިގެންދާނެކަމަށެވެ. އެހެންނަމަވެސް ބޮޑެތި ފާފަތަކަށް އަރައިގަނެވިފައިވާ މީހާ، އެކަމަށް ތައުބާވާންޖެހޭނެކަމަށެވެ.

ރަމަޟާން މަހުގެ ދުވާލުގެ ވަގުތު މާތްކުރައްވާފައި ވާއިރު، ރޭގަނޑުގެވަގުތުތައް ވެސް ވަނީ މާތްކުރައްވާފައިމަށް ޚުތުބަގައިވެއެވެ. އެމާތްކަމަށްޓަކައި ރޭއަޅުކަން ކުރުން ޝަރުޢު ކުރެއްވިކަމަށާއި، ފަހުދިހައިގެ އޮނަހިރި ރެއެއްގައި އެއްހާސް މަހަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ބަރަކާތްތެރި ލައިލަތުލްޤަދްރި ވިލޭރޭ ލެއްވިކަންވެސް ފާހަގަކޮށްފައިވެއެވެ.

"މާތް ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރާށެވެ! ބަރަކާތްތެރި ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާ ބައްދަލު ވެފައެވެ. ހެޔޮކަމުގެ މޫސުން މިވަނީ ލައިގަންފައެވެ. ސުވަރުގޭގެ ދޮރުކޮޅުތައް މިވަނީ ހުޅުވިފައެވެ. ނަރަކައިގެ ދޮރޮކޮޅުތައް މިވަނީ ބަންދުކުރެވިފައެވެ. ބޮޑެތި ޝައިޠާނުންތައް މިވަނީ ކަސްތަޅު އެޅުވިފައެވެ. ލޮބުވެތި އަޚުންނޭވެ! ހެޔޮކަންކަމަށް އަވަސްވެގަންނާށެވެ! ﷲ ގެ ދަޢުވަތަށް އިޖާބަދޭށެވެ! ނުބައިކަންކަން ހުއްޓާލާށެވެ! އެކަލާނގެ އަމުރުފުޅަށް ތަބާވާށެވެ.!"
ޚުތުބާ