މިދިޔަ ޖުލައި މަހު މީރާއިން 624.07 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 6.2 އިންސައްތަ ދަށް އަދަދެކެވެ. އެހެންނަމަވެސް މިއަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 13.6 އިންސައްތަ އިތުރު އަދަދެކެވެ.

ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، އީދު ބަންދު ދުވަސްތަކުގެ ސަބަބުން، ޖުލައި މަހުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އޮގަސްޓު މަހަށް ފަސްކުރުންކަމަށް މީރާއިން ބުނެއެވެ.

ޖުލައި 2020 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު ޖުލައި 2021 ގައި އިންކަމް ޓެކްސް، ޖީއެސްޓީ، ގްރީން ޓެކްސް އަދި ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ. މި ފީ ޖުލައި 2021 ގައި ލިބިފައި ނުވެއެވެ.

ޖުލައި 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 46.7 އިންސައްތަ ނުވަތަ 291.59 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 17.9 އިންސައްތަ ނުވަަތަ 111.90 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ، ވޯކް ޕަރމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 56.82 މިލިއަން ރުފިޔާ ހިމެނެއެވެ.

ޖުލައި 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.