ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓަރސް (އެމްއޭއޭސީ) ގައި ރާއްޖޭން ސޮއިކޮށްފިއެވެ.

މި އެގްރިމަންޓްގައި ސޮއިކުރައްވާފައިވަނީ ކިންގްޑަމް އޮފް ބެލްޖިއަމަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަސަން ސާބިރުއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕެރިސްގައި ހުންނަ އޯއީސީޑީގެ ހެޑްކުއަރޓަރުގައި މި ހިނގާ އޮގަސްޓުމަހު 11 ވަނަ ދުވަހުގައެވެ.

އެމްއޭއޭސީގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅައި، މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާއި އުސޫލުތަކަކަށް ޓެކުހާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށްޓަކައި އިތުރު ދެ މުއާހަދާއެއްގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި ދެ މުއާހަދާގައި ސޮއިކޮށްފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލެވެ.

މި މުއާހަދާތަކަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމްސީއޭއޭ - ސީއާރއެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމްސީއޭއޭ - ސީބީސީ" އެވެ.

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ޓެކްސް އިންފޮމޭޝަން ސްޓޭންޑަރޑްތައް ގާއިމުކުރުމަށްޓަކައި ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރަންސީ އެންޑް އެކްސްޗޭންޖެ އޮފް އިންފޮމޭޝަން އޮން ޓެކްސް މެޓަރސް (ގްލޯބަލް ފޯރަމް) ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ ވަނީ ފެބުރުވަރީ 2016 ގައެވެ. 2016 ވަނަ އަހަރުން ފެށިގެން މި ސްޓޭންޑަރޑްތައް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގްލޯބަލް ފޯރަމްގެ އެހީތެރިކަމާއެކީ މީރާއިން ދަނީ ކުރަމުންނެވެ.

ގްލޯބަލް ފޯރަމަކީ އެ ފޯރަމްގެ ބައިވެރިންގެ މެދުގައި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މައުލޫމާތު ބަދަލުކޮށް، ޓެކްސް ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް މަސައްކަތްކުރުމަށް އެކުލަވައިފައިވާ ފޯރަމްއެކެވެ. މި ފޯރަމްގައި 160 އަށްވުރެ ގިނަ ޤައުމާއި ފައިނޭންޝަލް ސެންޓަރުތަކުން ބައިވެރިވެފައިވެއެވެ.

މި މުއާހަދާގައި ސޮއިކުރުމުން، މި މުއާހަދާގައި ބައިވެރިވާ އެހެން ޤައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް، ޤާނޫނީ އިމުގެ ތެރެއިން މީރާއަށް މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މީގެއިތުރުން، މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މީގެތެރޭގައި އެކްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީއޯއައިއާރ)، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭއީއޯއައި) އަދި ސްޕޮންޓޭނިއަސް އެކްސްޖޭންޗް އޮފް އިންފޮމޭޝަން ހިމެނެއެވެ. މީގެއިތުރުން، ސަރވިސް އޮފް ޑޮކިއުމަންޓްސްގައި އެހީތެރިވުމާއި ޓެކްސް އެގްޒަމިނޭޝަންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެހީތެރިކަން ލިބޭނެއެވެ.

އެމްއޭއޭސީއިން ބާރުދޭ އެއް ސްޓެންޑަރޑް ކަމުގައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑަންޓެއް ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން ފައިނޭންޝަލް އެކައުންޓްތަކުގެ ތަފްސީލް މީރާއަށް ލިބޭނެއެވެ. މީގެތެރޭގައި ފަރުދުންގެ އެންމެހައި އެކައުންޓްތަކުގެ ތަފްސީލާއި، ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250,000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނެއެވެ.