އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އަންގާފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ވީހާވެސް އަވަހަށް ނިންމަވައި ދެއްވުމަށް ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އެދިވަޑައިގެންފިއެވެ.
މަހުލޫފް މިކަމަށް އެދިވަޑައިގަތީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ މާލެ ދާއިރާގެ މިހާރުގެ ރައީސް އަކްރަމް ކަމާލުއްދީނަށް އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އެމްޑީޕީން އަނބުރާ ގެންދިޔުމާއި ގުޅީގެން އޭނާއަށް މަރުހަބާ ދައްނަވާ ކުރެއްވި ޓްވީޓެއްގައެވެ.
މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މައްސަލަ އިސްތިއުނާފް ކޮށްފައިވާތާ މިހާރު 6 ދުވަސް ވެފައިވަކަމަށާއި ނަމަވެސް އެމްޑީޕީގެ ގަވާއިދު ބުނާގޮތުން މައްސަލަ ހުށަހަޅާތާ 2 ދުވަސް ތެރޭގައި މައްސަލައަށް ވާގޮތެއް ނުވަތަ ކޮންމެވެސް ޖަވާބެއް ދޭންޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް އެމްޑީޕީން ކޮށްދީފައި ނުވާކަން ފާހަގަ ކުރައްވާ މަހުލޫފް ވަނީ އޭނާއާއި މެދު ތަފާތުނުކޮށް ވީހާވެސް އަވަހަށް މައްސަލަ ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި އިންތިޚާބަށް 30 ދުވަސްވެފަވާއިރު ކެމްޕެއިން ކުރަން ބޭނުންވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިނިސްޓަރ މަހުލޫފްއަށާއި، އަކްރަމް އަށް ގެއްލުނީ އެޕާޓީގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ޝަރުތުތައް ހަމަނުވުމުންނެވެ.
ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެވެނީ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިނުވާ މީހުންނަށާއި، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން މީހަކު މެރުމާއި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުން ބަރީއަވެގެންވާ މީހުންނަށެވެ.
މީގެއިތުރަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށް ވާދަ ނުކުރެވޭނެ ކަމަށް ހިންގާ ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.
އެމްޑީޕީން މަހްލޫފަށާއި އަކްރަމަށް ފޮނުވި ސިޓީއެއްގައިވަނީ އެދެބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަކަމަށް އޭސީސީން ބުނެފައިވާ ކަމަށާއި، އެހެންކަމުން ދެ ބޭފުޅުން އިންތިޚާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.