މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' މީރާގެވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.

2022 ވަނަ އަހަރުގެ މި ޕްލޭންގައި، ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި، މިއަހަރަށް މީރާއިން ކުރަން ރާވައިފައިވާ މައިގަނޑު ފަސްކަމެއް ވަނީ ހިމަނައިފައެވެ.

އެގޮތުން، މި ޕްލޭންގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ޓެކުހުގެ މައުލޫމާތުތަކަށް ހޭލުންތެރިކުރުވުން، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުވުން، ކުދި ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް އެހީތެރިވެދިނުން،، ބޮޑު އަދި މެދު ފަންތީގެ ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާކަން ޔަގީންކުރުން، އަދި ޓެކްސްނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހިމެނެއެވެ.

މީރާއިން މިފަދަ ޕްލޭނެއް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ.

މިދިޔަ އަހަރުގެ ޕްލޭންގެ ދަށުން ކޮވިޑް-19ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސްއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކަށް ގިނަލުއިތަކެއް ދިނުމުގެ އިތުރުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓައިލައިފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރުގެ ޕްލޭންގައި، ކޮވިޑް-19 ގެ ހާލަތަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމައިފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.