ކާޑެއްދޫ އެއަރޕޯޓާ ގުޅިގެން ލިބެންޖެހޭ ފަޅުރަށް ނުވަތަ ފަޅުގެ ކަންތައް ހަމަޖެހުނީމަ މެނޭޖްމަންޓް އެގްރީމެންޓްގައި ސޮއިކުރާނެ ކަމަށް ވިލާ އެއަރގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޝިދު ވިދާޅުވެއްޖެއެވެ.
ކާޑެއްދޫ އެއަރޕޯޓް ވިލާ ގްރޫޕާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ނާޝިދު ވިދާޅުވީ، ސަރުކާރާއި ވިލާ އެއަރ އާއި ކާޑެއްދޫ އެއަރޕޯޓް މެނޭޖްމަންޓް ޓޭކްއޯވަރ ކުރުމުގެ އިދާރީ މަސައްކަތުގެ ތެރެއިން ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރ އާއި ހަވާލުކުރުމުގެ އިދާރީ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ކާޑެއްދޫ އެއަރޕޯޓާ ގުޅިގެން ވިލާއެއަރއަށް ލިބެންޖެހޭ ފަޅު ނުވަތަ ފަޅުރަށުގެ ކަންތައްތައް ހަމަޖެހުމުން މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.
އުއްމީދު ކުރަނީ ވީހާވެސް އަވަހަށް ނިމުން ކަމަށް ވިދާޅުވެ ނާޝިދު ވިދާޅުވީ، ކުރިން ލަފާކުރީ ހުސްވި ޑިސެމްބަރު މަހުގެ ނިޔަލަށް އެގްރީމަންޓްގައި ސޮއިކުރެވޭނެ ކަމަށެވެ.
ކުރިން ކާޑެއްދޫ އެއަރޕޯޓް ހިންގަމުން ގެންދިޔައިރު އެއަރޕޯޓާއި ގުޅިގެން ވިލާ އެއަރއަށް ދޭންޖެހޭ ރަށުގެ ކަންތައް ހަމަނުޖެހި ވާކަން ނާޝިދު ފާހަގަކުރައްވާފައެވެ.
ރަށެއް ހަމަޖެހިގެން ކާޑެއްދޫ އެއަރޕޯޓް ހިންގުމަކީ އެއަރޕޯޓުގެ ތަަރައްގީއަށް ވަރަށް މުހިންމު އެލިމެންޓެއްކަން ނާޝިދު ފާހަގަ ކުރެއްވިއެވެ. އެއަރޕޯޓާއި ހަވާލުވާއިރު ރަށެއްގެ ކަންކަން ހަމަޖެހިގެން ނޫނީ ހަވާލުނުވެވޭނެ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ ކުރިން ކާޑެއްދޫ އެއަރޕޯޓް ހިންގުމުގައި ވިލާއެއަރއިން ވަރަށް ބޮޑެތި ޚަރަދުތައް ކޮށްފައިވާ ކަމަށެވެ.
ކާޑެއްދޫ އެއަރޕޯޓް ހިންގަން 2013 ވަނަ ހަވާލުކުރީއްސުރެ ގޮސް އެތަން ވިލާއެއަރ އަތުން ނެގުމާ ހަމައަށްވެސް ރަށް ލިބިފައި ނުވާކަން ފާހަގަކުރައްވާ ނާޝިދު ވިދާޅުވީ، އެއަރޕޯޓް ހިންގުމުގައި ކުރި ހުރިހާ ޚަރަދެއް ކުރަންޖެހުނީ ވިލާގެ ކުންފުނިން އަމިއްލަ ހަރަދުގައި ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ޚަރަދާއި އެވަގުތަށް ގެންނަންޖެހޭ ހުރިހާ ބަދަލެއް ހިމެނޭ ކަމަށެވެ.
މައުނަވީ ތަރައްގީއެއް ކާޑެއްދޫ އެއަރޕޯޓަށް ގެނެވޭނީ ދައުލަތުން ދޭން ނިންމާފައިވާ ރަށް ނޫނީ ފަޅުރަށެއް ދިނުމުން ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.
ރާއްޖޭގައި އެހެން އެއަރޕޯޓްތައް ހިންގާފަރާތްތަކަށް އެގޮތަށް ކަންތައް ކުރައްވާކަން ފާހަގަކުރައްވާ ނާޝީދު ވިދާޅުވީ ވިލާއަށް އެގޮތަށް ކަންތައް ނުކުރައްވަނީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ކާޑެއްދޫ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށާއި އެހެން ނަމަވެސް ރަށެއްގެ ކަންތައް އޮތީ ކިހާ ހިސާބެއްގައިކަން ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ.
ދައުލަތުގެ މި ނިންމުމާއިއެކު ވިލާ އެއަރއިން ވަނީ މިމައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ.
އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރއާ އެއްކޮޅަށެވެ. އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅައި އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.
ވިލާއަށް އެއާޕޯޓް ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރިނަމަވެސް މިހާތަނަށް އެތަން އެކުންފުންޏާއި ހަވާލުކޮށްފައެއް ނުވެއެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ބުނީ އެއްބަސްވުން ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އަންނަމަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރއާ ހަވާލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.