ގެެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގަ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ ވިމެންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާރސަން އަޙްމަދު އަންވަރުއެވެ.

މި އެއްބަސްވުމާއެކު މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން އަދި ޕިއަރް ސަޕޯޓް ގުރޫޕުގެ ޚިދުމަތް ހޯޕް ފޯރ ވިމެން އިން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ހޯޕް ފޯރ ވިމެން އިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެކު މަސައްކަތް ކުރަމުންދާނެއެވެ.

މިއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭނެއެވެ.

ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަނިޔާ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހަކަށްވާއިރު، މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.