2022 ވަނަ އަހަރުގެ މާރިޗް މަހު މީރާއިން 2.18 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 64.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މާރިޗް 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 32.0 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި ފެބްރުއަރީ 2021 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މާރިޗް 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އިންކަމް ޓެކްސް، ގްރީން ޓެކްސް، އެއަރޕޯޓް ޓެކުހާއި އަދި ޓޫރިޒަމް ލޭންޑް ރެންޓް ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުުންއެވެ.

މިގޮތުން، 2021 އަޅައިބާލާއިރު، ފެބްރުއަރީ 2022 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 53.8 އިންސަތަށް އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މާރިޗު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 50.7 އިންސައްތަ ނުވަތަ 1.10 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 541.19 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

މާރިޗު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 106.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.