ޖުލައި މަހުގެ 31 ވަނަ ދުވަހަކީ ޓެކްސްގެ މުހިންމު ސުންގަޑިތަކެއް އަންނަ ދުވަހެއް ކަމުން، ޖުލައި ފަހު ހަފްތާ ސަރުކާރާއި ބޭންކުތައް ބަންދު ދުވަސްތަކުގެ ކުރީން ޓެކުހާއި ފައިސާ ދެއްކުމުގެ ކަންތައް ދުރާލާ އިންތިޒާމްކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށްފިއެވެ.

މީރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޖުލައި މަހުގެ ފަހު ހަފްތާގައި ސަރުކާރު އަދި ބޭންކްތައް ބަންދު ގިނަ ދުވަސްތަކަކަށްފަހު ހުޅުވޭ ދުވަސްކަމުގައިވާ 31 ޖުލައި އަކީ ޓެކްސްގެ މުހިންމު ސުންގަޑިތަކެއް އަންނަ ދުވަހެއް ކަމުން، ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންތައް ދުރާލައި އިންތިޒާމުކޮށް، ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން، ޖުލައި 31 އަށް ހަމަވާ ސުންގަޑިތަކަކީ އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި، ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި، ޖޫން 2022 ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި ޖޫން 2022 ގެ އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ.

މީރާއިން ބުނީ އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 2021 ވަނަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު -/20،000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުން ކަމަށެވެ.

އަދި، 2022 ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުކަމުގައި ވާނަމަ އަންދާޒާކުރާ ޓެކުހުގެ -/20،000 ރުފިޔާއަށްވުރެ އިތުރުވާނަމަ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

މީގެއިތުރުން، އެޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަކީވެސް މީރާކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކެއް ކަމުގައިވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް މީރާކަނެކްޓް ބޭނުންކުރުމަށް އިސްކަންދިނުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.