ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ފެނިއްޖެކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އަޒްހާން ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި މިއަދު 17:45 ހާއިރު، އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

މިކަމާ ގުޅުންހުރި އިތުރު މައުލޫމާތު ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމަހުގެ 19 ވަނަ ދުވަހު ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާން ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވާކަމަށްބުނެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފުލުހުންނަށް ފެނިފައިވާއިރު، އޭނަ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މެރާކީ ކެފޭގައި ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 27 އަހަރުގެ އަޒްހާން ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި އާއިލާއާ އެކުގައެވެ.

އަޒްހާން ދިރިހުއްޓާ އެންމެފަހުން ފެނިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދުކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.