ގަދަބާރާއި ތަޅާފޮޅުމާއި އަނިޔާވެރިކަމުގެ ތެރެއިން ގެނެވޭ ބަދަލަކީ އޭގެ ފަހަތުގައި ޞުލްޙައާއި އަމަން އަމާންކަން ދެމި އޮންނަކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ އަހިންސަ (ނަން-ވަޔަލެންސް) ދުވާހާއި ގުޅިގެން ދެއްވި މެސެޖްގައެވެ.

މި މެސެޖްގައި ރައީސް ވިދާޅުވީ، ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި، އަމާންކަމެއްގެ މައްޗަށް ކަމަށެވެ.

އެހެންކަމުން ބައިނަލްއަޤްވާމީ އަހިންސަ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގަދަބާރާއި، އަނިޔާވެރިކަމާ ދުރުވެ ތިބެ، އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކަށް މަސައްކަތްކުރުން ކަމަށްވެސް ރައީސް ވިދާޅުވެއެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށާއި، އެކަމަށް މަސައްކަތްކުރަން ޖެހޭ އިރު، އެ ކުރާ މަސައްކަތަކީ ގަދަބާރާއި، ތަޅާފޮޅުމާއި، އަނިޔާވެރިކަމާ ދުރުވެތިބެ ކުރާ މަސައްކަތަކަށް ހެދުން މުހިންމު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ރައީސް ޞާލިހަށް ދުވަހާގުޅޭ ބެޖެއް ހަދިޔާކުރައްވާފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ ޞުލްޙަވެރިކަމުގެ ސަޤާފަތެއް ދުނިޔޭގައި ފެތުރުމުގެ ބޭނުމުގައި އ.ދ. އިން 2007 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.