އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް، ސިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ޞިއްޙީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން މިހާރުވެސް ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވީނަމަވެސް ޞިއްޙީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ހުރި ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޞިއްޙީ މަރުކަޒުތަކުގެ އިސްވެރިން ވަނީ މިދައުރުގައި ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ޚިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމުގެ އިތުރުން، ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ޞިއްޙީދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރަން ކަނޑައަޅުއްވާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުޙަލާތަކުގައި ހުރި ޞިއްޙީ ދާއިރާގެ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކުރިޔަތް އޮތް ދުވަސްތަކުގައި ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގެ ބައިވެރިންނަށް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ނައިބުރައީސް ވަނީ އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މިސަރުކާރުން ދެއްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ.