ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންޖެހޭ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވަމުންދާ ބަސްފުޅު ތަކުރާރުކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވިދާޅުވީ މުޖުތަމަޢުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގު މިސަރުކާރުން ހިފަހައްޓާކަމަށާއި މި ސަރުކާރުން އެފަދަ ފަރާތްތަކަށް މާނަހުރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ. މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި ހުރި ތަފާތުކުރުމާއި ކުށްހީތަކުން އެއްކިބާވާ މުޖުތަމަޢެއް މި ސަރުކާރުން ކަށަވަރުކޮށްދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑުކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.
ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހެވެ.
މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހާ ކަންކަމުގައި ފުރިހަމައަށް ޝާމިލުވެވޭނެ މާހައުލެއް ޤާއިމުކުރުމަށް ބާރު އަޅާ، މިހާރަށްވުރެ ބޮޑަށް އެފަދަ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރުމެވެ.