ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތް ބޭނުންކުރަން ފެށޭނީ އަންނަ ޖެނުއަރީ މަހުގައިކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެމިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، އިމާރާތުގެ މަސައްކަތް ނޮވެމްބަރުގައި ނިންމާ ޑިސެމްބަރުގައި އިމާރާތް ބޭނުންކުރަން ފަށާނެކަމަށެވެ.

މި އިމާރާތް ހެދުމަށް މި ސަރުކާރުން ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމުމުގެ މަތީންނެވެ.

އެގޮތުން މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ސަރުކާރުން ނިންނީ އޮފީސް އިމާރާތް ހުޅުމާލޭގައި އެޅުމަށެވެ. އަދި، 2019 ވަނަ އަހަރު ޑިސެމްބަރުގައި ބިޑް ކާމިޔާބުވި ފަރާތަށް މަސައްކަތް އެވޯޑްކޮށް 2020ވަނަ އަހަރުގެ ފެބްރުއަރީގައި އިމާރަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެހެންނަމަވެސް ކޮވިޑުގެ ހާލަތާ ދިމާވުމާ ގުޅިގެން އިމާރާތުގެ މަސައްކަތް ލަސްވެގެންދިޔައެވެ.

މި އިމާރާތުގައި ހިންގަން ނިންމާފައިވާ ސަރުކާރުގެ އިދާރާތަކަކީ، ނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިތުރުން އެމެރިކަން އެމްބަސީއެވެ. ހަ ފަންގިފިލާއަށް ހަދާފައިވާ މިއިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25000އަކަފޫޓެވެ.

ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ތަހައްމަލް ކުރަންފެށީ ހުރަވީ ބިލްޑިންގް ބޭނުން ނުކުރެވި އެއިމާރާތް ތަންތަން ހަލާކުވެ، އެ ތަނަކީ ބޭނުންކުރުމަށް ރައްކާތެރިތަނެއް ނޫންކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތަށް ހުސްކުރަންޖެހުމުގެ ސަބަބުންނެވެ.

މިއަހަރު ހުރަވީ ބިލްޑިންގ ވަނީ ތާޅާލާފައެވެ. އެތަން ތަޅާލީއިރު އެއިމާރާތުގެ ސްޓީލް ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުން ސަރުކާރުން ނިންމަވާފައިވަނީ އޮފީސްތަކުގެ ފައިލްތަށް ދިގުމުއްދަތަކަށް ރަށްކާކުރުމަށްޓަކައި އެކަމަށް ޖާގަ ބޭނުންވާތީ މި ސްޓީލް ސްޓްރަކްޗަރ ބޭނުންކޮށްގެން މާލެއާ ކައިރި ރަށެއްގައި ނުވަތަ ވައިގެމަގުން ދެވޭނެ ރަށެއްގައި ފައިލް ރަށްކާކުރުމުގެ އިމާރާތެއް އެޅުމަށެވެ.