މި އަހަރުގެ ތިންވަނަ ކުއާޓާގައި ބޭންކުތަކުގައި ބޭރުފައިސާ ރައްކާކުރި މިންވަރު 10 އިންސައްތަ ދަށްވެއްޖެއެވެ.

އެމްއެމްއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ބޭރުފައިސާ ރައްކާކުރި މިންވަރު 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ހުރީ 52.2 ބިލިއަން ރުފިޔާގައެވެ. ތިންވަނަ ކުއާޓާގައި ބޭންކްތަކުގައި ފައިސާ ރައްކާކުރާ މިންވަރުގެ 76 އިންސައްތަ މަދުވެފައިވަނީ ބޭރު ފައިސާއިންނެވެ. ޖުމްލަގޮތެއްގައި ބޭރުފައިސާގެ އަދަދު މަދުވެފައިވަނީ އިމްޕޯޓްކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ބޭރުފައިސާގެ އަދަދު ދަށްވިނަމަވެސް ތިންވަނަ ކުއާޓާގައި ބޭންކުތަކުން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދު 32.5 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ 2 އިންސައްތައިގެ ކުރިއެރުމެކެވެ. އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު މިއަހަރުގެ ތިންވަނަ ކުއާޓާރ ނިމުނުއިރު ހުރީ 28.3 ބިލިއަން ރުފިޔާގައެވެ.

މިމުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ މަސައްކަތްތަކަށާއި އަމިއްލަ ބޭންކްތަކާއި ވިޔަފާރިތަކަށް ކަމަށްވެސް އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 38 އިންސައްތައަށް އަރައެވެ. އަދި އަމިއްލަ ފަރާތްތަކަށް ކްރެޑިޓް ކާޑް މެދުވެރިކޮށްގެން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ 27 އިންސައްތައަށް އިތުރުވެފައެވެ.