ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ފާހަގަކުރުމަށް ދެމުން އަންނަ "ގޯލްޑް 100" އެވޯޑް މިއާންޒް އިންޓަރނޭޝަަނަލް ކޮލެޖް (އެމްއައި ކޮލެޖް)އަށް ލިބިއްޖެއެވެ.

ކޮންމެ އަހަރަކުވެސް ކޯޕަރޭޓް މޯލްޑިވްސް އިން ޝާއިއުކުރާ ރާއްޖޭގެ މަޝްހޫރު 100 ވިޔަފާރި ކުންފުންޏަކަށް ދޭ މި އެވޯޑް ލިބުމާއި ގުޅިގެން އެމްއައި ކޮލެޖުން ވަނީ، އެ ކޮލެޖަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަކަށް ޝުކުރުއަދާކޮށްފައެވެ. އަދި އެ ކޮލެޖްގެ ކްލައިންޓުންނާއި، މުޖުތަމަޢަށް އެންމެ ފެންވަރު ރަނގަޅު އުފެއްދުންތަކާއި ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

އެމްއައި ކޮލެޖްގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ މިޔަންޒް ގްރޫޕްގެ ސީއީއޯ އަހުމަދު މޮޓާކީ އެވެ.

https://www.facebook.com/www.micollege.edu.mv/videos/666856201514261/?extid=CL-UNK-UNK-UNK-AN_GK0T-GK1C

ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި މި ހަފްލާގައި ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ހުރި ޕްރައިވެޓް ކޮލެޖްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކޮލެޖްތަކުގެ ލިސްޓްގެ ކުރިން ޖާގަހޯދާފައިވާ އެމްއައި ކޮލެޖުން "ގޯލްޑް 100" އެވޯޑް" ހާސިލްކޮށްފައިވާއިރު، އެ ކޮލެޖުން ރާއްޖޭގެ 16 ހިސާބެއްގައި ދަނީ މަތީ ތައުލީމު ފޯރުކޮށްދެމުންނެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވާއިރު ޓޫރިޒަމް ދާއިރާގެ ޕްރޮގްރާމް "ބެޗްލާ އިން ހޮސްޕިޓައިލިޓީ އެންޑް ޓޫރިޒަމް" ގެ ކޯހެއް އެ ކޮލެޖުން ވަނީ ތައާރަފު ކޮށްފައެވެ. އަދި ފުދުންތެރި ގައުމަކަށް ހެދުމަށް، ރާއްޖެއަށް ބޭނުންވާ ފުޑް ސެކިއުރިޓީ ހޯދައި ދިނުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާޑެނިން ޕްރޮގްރާމެއް ވަނީ ފަށައިފައެވެ. މިހާރު އެމްއައި ކޮލެޖުން އަމާޒު ހިފާފައިހުރީ، ސެޓްފިކެޓް ލެވެލްގައި ކިޔަވައިދޭ މި ޕްރޮގްރާމުގެ ޑިގްރީ ލެވެލްގެ ޕްރޮގްރާމެއް ގާއިމްކޮށްދިނުމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ދިވެހި ޓީޗަރުން ލިބުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ޓީޗިން ޕްރޮގްރާމުތަކެއް އެމްއައިކޮލެޖުން އަންނަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައި އާއްމުކޮށް ދިވެހި ޓީޗަރުން މުހިންމުވެ، ނުލިބޭ ދާއިރާތައް ކަމަށްވާ ސޯޝަލް ސްޓަޑީޒް އާއި ހެލްތު އަދި ޕީއީގެ ކޮމްޕޮނެންޓުތަކަށް ސެކަންޑްރީ ޓީޗިންގެ ކޯހެއް އެމްއައި ކޮލެޖުން ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާއިރު، އެމްކިއުއޭ އެޕްރޫވްޑް ގިނަ އޮންލައިން ކޯސްތަކެއް ވެސް އެމްއައި ކޮލެޖުގެ ވާޗުއަލް ކެމްޕަހުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން، ތައުލީމީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ޓެކްނޮލޮޖީގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ކޯސްތަކެއް އެ ކޮލެޖުން ހިންގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ހުއްޓާނުލައި ކޮލެޖްގެ ޕްރުގުރާމްތައް ކުރިއަށް ގެންދިޔައިރު، އިޖުތިމާއީ ޒިންމާގެ ދަށުން އެކިއެކި މުވައްސަސާތަކަށް ގިނަގުނަ އެހީތެރިކަން އެމްއައި ކޮލެޖުން ފޯރުކޮށްދިނެވެ.