ސައުދީ އަރަބިއްޔާވެސް ހިމެނޭގޮތުން މެދުއިރުމަތީގެ ގައުމުތަކަށާއި، އިސްލާމީ އެހެން ބައެއް ގައުމުތަކަށް މިރޭ ރަމަޟާންމަހުގެ ހަނދު ނުފެނުމާ ގުޅިގެން 16 މެއި 2018 ވާ ބުދަދުވަހަކީ މިއަހަރުގެ ޝައުބާންމަހުގެ 30 ވަނަ ދުވަސް ކަމަށާއި، އަދި ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސްކަމަށް ކަނޑައަޅައިފިއެވެ.

ސައުދީ އަރަބިއްޔާގެ ހައި ޖުޑީޝަރީ ކައުންސިލުން މިރޭ ނެރުނު ގަރާރެއްގައި ބުނެފައިވަނީ، އެގައުމަށް މިރޭ ހަނދު ފެނިފައި ނުވާކަމަށެވެ. އެހެންކަމުން، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސްކަމަށް ކަނޑައަޅައި އިޢްލާން ކޮށްފައި ވެއެވެ.

އުމާންގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް ރިލިޖަސް އެފެއަރޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމަށް މިއަދު ހަނދު ފެނުމުގެ ފުރުސަތު ނެތުމުން، ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ.

އޮސްޓްރޭލިއާގެ މުސްލިމް ކައުންސިލް އޮފް އިމާމްސްއިން ނެރުނު ގަރާރެއްގައި ބުނެފައިވަނީ، އެގައުމަށް މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ވާނީ 17 މެއިވާ ބުރާސްފަތި ދުވަސް ކަމަށެވެ.

މެލޭޝިޔާގެ ދައުލަތުގެ މީޑިއާ، އާރްޓީއެމްއިން ބުނެފައިވަނީ، އެގައުމަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ.

ޖަޕާނަށްވެސް މިރޭ ހަނދު ފެނިފައި ނުވާތީ، އެގައުމަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ވާނީ މެއި 17 ވާ ބުރާސްފަތި ދުވަސްކަމަށް އެގައުމުން އިޢްލާން ކޮށްފައި ވެއެވެ.

ޕާކިސްތާނުން ހަނދުސާބިތުކުރުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެ ހަވީރުކަމުން، އެގައުމަށްވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށްވާނީ ބުރާސްފަތި ދުވަސްކަމަށް ބެލެވިފައި ވެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސްކަމަށް، ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމު ކަމަށްވާ އިންޑޮނޭޝިޔާއިންވެސް ވަނީ އިޢްލާން ކޮށްފައެވެ.

ފަލަކީ ހިސާބުތަކަށް ބެލުމަށްފަހު އިންޑޮނޭޝިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ 17 މެއި 2018 ވާ ބުރާސްފަތި ދުވަސްކަމަށެވެ. އިންޑޮނޭޝިޔާގެ އާބާދީގައި ހިމެނޭ 260 މިލިއަން މީހުންގެ ތެރެއިން %85 އަކީ މުސްލިމުންނެވެ.

މުސްލިމުންގެ އާބާދީ ބޮޑު ގައުމެއް ކަމަށްވާ އިންޑިއާއަށްވެސް މިރޭ ހަނދު ނުފެންނާތީ ޝައުބާންމަހުގެ 30 ދުވަސް ހަމަކޮށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އުރުދުން، ބަހްރެއިން، ދެކުނު ކޮރެއާ، ސިންގަޕޫރު އަދި އިރާގުންވެސް ވަނީ، އެގައުމުތަކަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސްކަމަށް ކަނޑައަޅާފައެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުދަދުވަސް ކަމަށް ކަނޑައަޅައި އަދި އިޢްލާން ކޮށްފައިވަނީ ދިވެހިރާއްޖެއިން އެކަންޏެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހަނދުސާބިތުކުރާ ކޮމިޓީން ބައްދަލުކުރުމަށްފަހު މީގެ ގަޑިއެއްހާއިރު ކުރިންވަނީ، އެގައުމަށް މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައި އިޢްލާން ކޮށްފައެވެ.